وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنْتَ عَلَيْهَا إِلَّا لِنَعْلَمَ مَنْ يَتَّبِعُ الرَّسُولَ مِمَّنْ يَنْقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِنْ كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ ۗ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ ۚ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ
ދިވެހި
އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (قيامة ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި رسول އާ ވެވަޑައިގަތުމަށްޓަކައެވެ. އެއުރެންތިބި ފަރާތްނޫން އަނެއްފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: دين ން ބޭރުވެ مرتد ވާ މީހުންނާއި) رسول އާއަށް تبع ވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށްޓަކައި މެނުވީ، އެ قبلة އެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި قبلة، قبلة އެއް ކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. اللَّه ތެދުމަގު ދެއްކެވި ބަޔަކަށްމެނުވީ، އެކަންތައް އެއީ ކަށަވަރުންވެސް ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ إيمان ކަން ގެއްލެނި ކުރައްވާކަށެއް اللَّه ވޮޑިގެނެއް ނުވެއެވެ. ހަމަކަށަވަރުން، اللَّه އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
: